އޮޑިޓްގެ ހުދޫދު:

 1. އެމްޕީއެލްގެ އޮޕެރޭޝަންތަކަށް ބޭނުންވާ ތެޔޮ ހޯދުމުގައި 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މުއާމަލާތްތައް ބަލައި އެއްވެސް އިރެގިއުލަރިޓީޒްއެއް ހިނގާފައިވޭތޯ ބެލުން.
 2. އެމްޕީއެލްގައި އިންޓަރނަލް އޮޑިޓް އަދި އިންޓަރނަލް ކޮންޓްރޯލް ޕްރޮސެސް ގާއިމުވެފައިވޭތޯ އާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ބެލުން.

މައިގަނޑު ކަންތައް (ކީ ފެކްޓްސް):

 1. އެމްޕީއެލްއަށް ޑީސަލް ގަތުމުގައި 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް 28.32 މިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާކަން އޮޑިޓްގައި ފާހަގަވުން.

ފާހަގަކުރެވުނު މައްސަލަތައް:

 1. އެމްޕީއެލްގެ އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ ޑީސަލް ގަތުމުގައި ހިންގާފައިވާ ޚިޔާނާތުގެ ތެރެއިން 28.32 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވުން.
 2. އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އެޅުމަށް އެފްއެސްއެމް އިން ހުޅުމާލޭ ޖެޓީ ސަރަހައްދަށް ފޮނުވި ޑީސަލް އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އަޅާފައިނުވުން.
 3. އެމްޕީއެލްއަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ގަންނަމުންދާ ޑީސަލް އޮޕަރޭޝަންގައި ބޭނުންކުރާކަން ދެއްކުމަށްޓަކައި، ތެޔޮ ހޯދުމަށް ތެޔޮ ބޭނުންކުރާ ޔުނިޓްތަކުން ފޮނުވާ ރިކްއެސްޓް ފޯމުތަކުން ކޮޕީ ފޯމުތައް ހަދައި މަޢުލޫމާތު ފޯޖުކޮށް އެ މަޢުލޫމާތު އެކައުންޓިންގ ސިސްޓަމުގައި ރެކޯޑްކުރަމުން ދިއުން.
 4. ތެޔޮ ފޮނުވަންވީ ތަނާއި އަދަދު ފޯނުން އަންގާގޮތަށް ހަމަޖައްސާފައި އޮތުމުން ޓަގު ބޯޓުތަކަށް ޑީސަލް އެޅުމަށް ބައުޒަރު ފޮނުވަންޖެހޭ ތަން ފިޔަވައި އެހެން ތަނަކަށް ބައުޒަރު ފޮނުވުމަށް މަގުފަހިވެ އެކަމުގެ ސަބަބުން ޚިޔާނާތް ހިންގުމަށް މަގުފަހިވެގެން ދިއުން.
 5. އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެލުގެ ބަޖެޓް ކަނޑައެޅުމުގައި ފިއުލް ކޮންސަމްޕްޝަން އެނަލިސިސް ރިޕޯޓްތަކަށް ރިއާޔަތް ކުރަމުން ގޮސްފައިނުވުން.   

އިޞްލާޙްކުރަން ލަފާ ދިންގޮތް:

 1. އެމްޕީއެލްގެ އޮޕެރޭޝަންތަކަށް ބޭނުންވާ ތެޔޮ ހޯދުމުގައި 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ 28.32 މިލިއަން ރުފިޔާގެ ޚިޔާނާތް ބަލައި ތަޙުޤީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލަފާދިނުން.
 2. އެމްޕީއެލްއަށް ބޭނުންވާ ތެޔޮ ގަތުމުގައި ހިންގާފައިވާ ޚިޔާނާތުގެ ސަބަބުން އެމްޕީއެލް އަށް ލިބުނު ގެއްލުމުގެ ބަދަލު މި ޚިޔާނާތުގައި ޒިންމާވާ ފަރާތްތަކުން ހޯދުމަށް ލަފާދިނުން.
 3. ތެޔޮ ހޯދުމަށް ފޮނުވާ ރިކްއެސްޓް ފޯމުތަކުގެ ތެރެއިން ތެޔޮ ދޫކުރެވޭ ފޯމުތަކާއި، ކެންސަލް ކުރާ ފޯމުތަކުގެ މައުލޫމާތު އެނގޭނެހެން ބެލެހެއްޓުމާއި އެއް ރިކުއެއްސްޓް ފޯމަކަށް ތަކުރާރުކޮށް ތެޔޮ ލިބުނުކަމަށް އެކައުންޓިންގ ސިސްޓަމުގައި ރެކޯޑް ނުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
 4. ޕާޗޭސް އޯޑަރަށް ބަދަލެއް ގެންނަނަމަ، އަދި ތެޔޮ ފޮނުވަންވީ ތަނަށް އެއްވެސް ބަދަލެއް ގެންނަކަމުގައިވާނަމަ އެ ބަދަލު ގެންނަން ބޭނުންވާ ފަރާތާއި އެކަމަށް ހުއްދަ ދިނީ ކޮން ފަރާތެއްކަން އެނގޭނޭ ގޮތައް ލިޔެކިޔުންތައް ބެލެހެއްޓުން.
 5. ޖަނަރޭޓަރު ހިންގުމަށާއި، އުޅަނދުތައް ދުއްވުމަށް ބޭނުންކޮށްފައިވާ ތެލުގެ އަދަދު ބެލުމަށް އެކި އެކި  ޔުނިޓުތަކުން ފިއުލް ކޮންސަމްޕްޝަން ރިޕޯޓުތައް ހޯދައި، ކުރިޔަށް އަންނަ އަހަރުތަކުގެ ބަޖެޓު ތައްޔާރުކުރުމުގައި އެ ރިޕޯޓުތަކަށް ރިއާޔަތްކުރުން.
 6. ކުންފުނީގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދިއުމަށް ހިނގާ ޚަރަދާއި މުޢާމަލާތްތަކުގައި ހިމެނޭ ރިސްކަށް ބަލާއިރު އެ މުޢާމަލާތްތަކަކީ ކުންފުންޏަށް ރިސްކް ބޮޑު މުޢާމަލާތްތަކެއް ކަމަށްވުމާއެކު ކުންފުނިން ކުރިޔަށްގެންދާ އިންޓަރނަލް އޮޑިޓްތަކުގައި އެ މުޢާމަލާތްތައް ބަލައި އެމްޕީއެލް އިން ގަންނަ ތެޔޮ އެމްޕީއެލްގެ ބޭނުންތަކަށް ބޭނުންކުރަމުން ގެންދޭތޭ ކަށަވަރުކުރުން.
 7. އެމްޕީއެލްގެ އޮޕަރޭޝަންތަކުގެ ބޭނުމަށް ހޯދާ ތެލުގެ ތެރެއިން ތެޔޮ ރައްކާކުރާ ޓޭންކްތަކާއި ޓަގު ބޯޓުތަކުގެ ފިއުލް ޓޭންކްތަކަށް އަޅާ ތެލުގެ އަދަދު ދެނެގަނެވޭނެ ފަދަ މީޓަރތައް އެ ޓޭންކްތަކުގައި ހަރުކޮށް މީޓަރތަކުގެ ރެކޯޑް ބެލެހެއްޓުން.